ރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް، ސަފީރު ކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމަށް ބެއިޖިންގްގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުން ގެ ފަރާތުން ޗައިނާގެ ރައީސަށާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮ އެދުންތަކާއި ސަލާން އަރިސްކުރައްވާފައެވެ.
އަދި ސަފީރުގެ މަގާމާ ފަޒީލް ހަވާލުވެވަޑައިގަތުމުން ރައީސް ޝީ ޖިންޕިން ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އާއިއެކު އެމަނިކުފާނުގެ އަނބިކަނބަލުން އާމިނަތު ފަރީޝާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



