އިމާރާތް ތަޅައިދިނުން ނުވަތަ ބިލްޑިންގް ޑިމޮލިޝަންގެ ހިދުމަތް ވޭސްޓް މޭންމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ދޭން ފަށަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހިދުމަތްތައް ދޭން ފަށާފައިވާ ވެމްކޯ ވުޖޫދަށް އައީ 2017 ވަނަ އަހަރުގައެވެ. އޭގެފަހުން ފާއިތުވީ އަހަރު މިސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ވެމްކޯއިން ވަނީ ކުނި އުކާލުމުގެ އިތުރުން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތާއި އިދާރާތައް ފޮޅާ ސާފު ކުރުމުގެ ހިދުމަތްތައް ވެސް ދޭން ފަށާފައެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިމާރާތްތައް ތަޅައިލުމުގެ ހިދުމަތްވެސް ވަރަށް އަވަހަށް އެ ކޯޕަރޭޝަނުން ދޭން ފަށާނެ ކަމަށާއި އެގޮތުން އެ ހިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ދޭން ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގެ ރަށްތަކަށް ކަމަށާއި އެހެންނަމަވެސް އެހެން ހިދުމަތެއްގެ ގޮތުގައި، މިވަގުތު ވެސް ގެ ތަޅާލާފައި ހުންނަ ގާކުނޑި ނަގައި ދިނިމުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާ ކަމުގައި އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން މިވަގުތު ވެމްކޯ އިން ކުރަމުން އަންނަނީ އިމާރާތް ތަޅައިލުމުގެ މަސައްކަތަށް ޕެކޭޖްތައް ހެދުމާއި ބެހޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު އެ ހިދުމަތް ދިނުމުގެ އަގުތައް އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.




