މިދިޔަ ބުރާސްފަތި މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި ވަގުތީގޮތުން ހިންގުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
އެގޮތުން ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ރޭގައި ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ 12.12.2024ވީ ބުރާސްފަތި ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު މިނިސްޓްރީތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ޚިދުމަތްތައް މިއަދު ދަރުބާރުގޭގައި ފެށުމަށް އަމާޒުކޮށް އެކަމުގެ ޢަމަލީ މަސައްކަތްތައް ހުކުރުވިލޭރެއިން ފެށިގެން ވަނީ މެދުނުކެނޑި ކުރިޔަށް ގެންދެވިފައި ކަމަށެވެ.
އެގޮތުން މި މަސައްކަތުގައި ރައީސް އޮފީހާއި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު އެމްޑަބްލިޔުއެސްސީ އާއި އައިލެންޑް ބެވެރެޖެސް މޯލްޑިވްސްގެ ހިތްވަރުގަދަ މުވައްޒަފުން ވެސް ނަމޫނާ ދައްކާފައިވާ ކަމަށާއި އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާކަމަށް ވެސް މަތީން ވިދާޅުވިއެވެ.
”މިފަދަ ދަތި ދަނޑިވަޅުތަކުން އަރައިގަނެ ޢާންމު ހާލަތަށް ދިޔުމަށް އޮންނަ އެންމެ ފަސޭހަ މަގަކީ އެހީތެރިކަމާ އެއްބައިވަންތަކަމާ އެއްބައެއްވަންތަ ކަމާއެކު އެންމެން އެކުގައި ހިތްވަރުކުރުން“ ފެން ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި އެއަލިފާނުގެ ހާދިސާގައި ހައުސިންގް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީ ހިންގާ އިމާރާތުގައި ވެސް ވަނީ އެއިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް އަލިފާން ރޯވެފައެވެ.
އެކަމުގެ ސަބަބުން އެ ތިން މިނިސްޓްރީ ހިންގުމުގެ މަސައްކަތްތައް ވެސް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި މިއަދުން ފެށިގެން އެ މިނިސްޓްރީތަކުން އާންމު ޚިދުމަތްތައް ދޭން ފަށާނެ ކަމަށް ސަރުކާރުގެ ފަރާތުން ވަނީ ބުނެފައެވެ.




