އދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅައިލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ހއ. ހދ. ށ. ނ. ރ. ބ. ޅ. ގއ. ގދ އަދި ސ. އަތޮޅުގައި ދެމުންދާއިރު އެ ހިދުމަތް ދިނުމަށް 25 އަށް ވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކައުންސިލާއި ބައްދަލުކުރައްވާ އާރްޓީއެލްގެ ހިދުމަތް ފަށާނެކަން އިއުލާން ކުރައްވާ ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށް އާރްޓީއެލްގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ރައީސަށް ދަންނަވައިފައެވެ. އަދި ސްކޫލުގައި ސޯލާ ހަރުކުރުމާއި ސިއްހީ ހިދުމަތް ތަރައްގީ ކޮށްދިނުމުގެ އިތުރުން އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ. ލޮނުބޯ ބޭނުންކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން، އދ. އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުވުމުން އެ ކަމަށް ސަރުކާރުން ހައްލެއް ހޯދައި ދިނުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.



