ބަހާލައިގެން އެއްގަމު އަދި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އާއި އެ ފީ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިނިސްޓްރީން އެކުލަވާލައި ގެޒެޓްކޮށްފައިވާ ”އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރާ ގުޅޭގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ގަވާއިދު“ ގައި ބަޔާންކޮށްފައިވާ ގޮތުން، މި ފުރުސަތު ލިބޭނީ ފަސް ޝަރުތެއް ހަމަވާ ފަރާތްތަކަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން.
- ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވުން.
- ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދައްކަން އަމިއްލައަށް ހުށަހެޅުން.
- މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން.
- އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން.
އަހަރީ ފީ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ފައިސާ ފައިސާ އެކީ އެއް ފަހަރާ ދައްކަން ދަތިވާ މީހުންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޖޫރިމަނާގެ ފައިސާ ދައްކަން ފުރުސަތު ދޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުންނެވެ. އަދި ފީ ދައްކަން ލިބޭ 14 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮމިޓްމަންޓް ފީ ދެއްކުމުން މިނިސްޓްރީން އެއްބަސްވުމެއް އެކުލަވާލައި އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހު އެވެ.
އެ ގަވާއިދުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.



