މިދިޔަ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހު 29،515 މީހަކާއި ނޮވެމްބަރު މަހު ރިޕޯޓްކުރި 40،504 މީހަކު ވަނީ ރޯގާޖެހިގެން ރިޕޯޓުކޮށްފައެވެ. އެއީ އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު 70،000 މީހެކެވެ.
މިއީ މިދިޔަ އަހަރުގެ މިހާތަނަށް އަޅާބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދަށް ވުރެއް އިތުރު އަދަދެކެވެ.
މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާ އިރު ނޮވެމްބަރު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ޖެހިގެން އައި ނޮވެމްބަރު މަހު އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 2،375 ޓެސްޓް ކުރިއިރު އޭގެ ތެރެއިން 476 ސާމްޕަލް ޕޮޒިޓިވްކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގެއެވެ.
މީގެއިތުރުން، އޮކްޓޫބަރު މަހު 126 ޑެންގީ ކޭސް އަދި ނޮވެމްބަރު މަހުގެ އަދަދަކީ 140 ރިޕޯޓުކޮށް އޮކްޓޫބަރު މަހަށް ވުރެ ނޮވެމްބަރު މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
ހަމައެއާއިއެކު ބޭރަށް ހިންގާ ރޯގާ މިދިޔަ އޮކްޓޫބަރު މަހު 3،164 އަދި ނޮވެމްބަރު މަހު 3،635 ކޭސް ރިޕޯޓުކޮށް ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ވަނީ އާންމު ބަލިތައް ފެތުރޭ އަދަދު މި ދުވަސްވަރު އިތުރުވަމުންދާތީވެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ވެސް އިލްތިމާސް ކޮށްފައެވެ.



