”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގެ ތިންވަނަ ބައްދަލުވުމުގެ މެހެމާނުންގެ ޝަރަފުގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސް ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ޖާފަތުގައި ސީއައިޑީސީއޭގެ ޗެއަރމަން ލުއޯ ޒާއޮހުއި، އަދި ޔުނާން ޕްރޮވިންސްގެ ގަވަނަރު ވަންގް ޔޫބޮ ވާހަކަފުޅު ދެއްކެވިއެވެ.
މީގެއިތުރުން، ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގެ ތިންވަނަ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
(ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
ރާއްޖެއިން ކޯ-ހޯސްޓު ކޮށްގެން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ކުރިއަށް ގެންދާ މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ”ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު“ މި ޝިއާރުގެ ދަށުންނެވެ.



