އާސަންދަ އާއި ސަބްސިޑީ ދިނުމުގައި ވަމުންދާ އިސްރާފް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކާއެކު، ދައުލަތުގެ ހަރަދު ކުޑަވާން ފަށާފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ހަފްތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ދައުލަތު ހިންގުމުގެ ހަރަދުގެ ތެރޭގައި ހިމެނޭ އާސަންދަ އާއި ސަބްސިޑީ ދޭން ކުރި ހޭދަ ވަނީ މިދިޔަ އަހަރާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެގޮތުން އާސަންދައަށް މި މުއްދަތު ތެރޭގައި މިއަހަރު ހޭދަ ވެފައިވަނީ 1.88 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 101 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ސަބްސިޑީ ދިނުމަށް ދައުލަތުން މިއަހަރުގެ މިމުއްދަތާ ހަމައަށް ހޭދަކޮށްފައިވަނީ 3.44 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެހާތަނަށް ސަބްސިޑީ ދޭން 3.68 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އާސަންދައާއި ސަބްސިޑީ ދިނުމަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ އިސްރާފުވަމުންދާތީ މި ސަރުކާރުން ވަނީ ގިނަ އިސްލާހުތަކެއް އެކަމަށް ގެނެސް، ތަންފީޒު ކުރަން ފަށާފައެވެ. އޭގެތެރޭގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށް، އެސްޓީއޯއާ ގުޅިގެން ގަނޑުކޮށް ބޭސް ގެނައުމުގެ ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ.




