މިއަހަރު ބޮލީވުޑް ތަރިންގެ ޚަބަރުތަކަށް ބަލާއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ޚަބަރަކީ ބޮލީވުޑްގެ ތަރި އަދި މޮޅު ނެށުންތެރިޔާ މަލައިކާ އަރޯރާ އާއި އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު އަރްޖުން ކަޕޫރުގެ ލޯބީގެ ގުޅުން ކެނޑުނު ޚަބަރަށެވެ.
އެކުގައި ގާތްގަނޑަކަށް 10 އަހަރު އުޅުމަށްފަހު، ލޯބީގެ އެ ގުޅުން ކެނޑިފައިވާކަން ހާމަވެފައިވަނީ ރިޕޯޓަރަކު އެހި ސުވާލެއްގެ ޖަވާބުގައި އަރްޖުން، އޭނާ މިވަގުތު ހުރީ ހުއްސަރިބައިކޮށް (ސިންގަލްކޮށް) ކަމަށް ބުނުމުންނެވެ. މަލައިކާއާއި އޭނާއާ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް ފަހަކަށް އައިސް އެ ދެމީހުން ވެސް މީސްމީޑިއާގައި ހިއްސާ ނުކުރާކަން ގިނަ ބަޔަކަށް ފާހަގަވިއެވެ.
އެއަށްފަހު އިއްޔެ މަލައިކާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ނިމޭ 2024 ވަނަ އަހަރަކީ އޭނާއަށް އެކި ގޮތްގޮތުން ވަރަށް ދަތިވި، އަދި ހިތި އަހަރެއް ކަމަށެވެ. ނަމަވެސް ގިނަ ކަންތައްތަކެއް ހާމަވެގެންދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން އަދިވެސް އޭނާއަށް ނުވިސްނުނު ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސަށާއި އަމިއްލަ ސިއްޙަތައްކަން އެނގުން ކަމަށް މަލައިކާ ބުނެފައިވެއެވެ.



