ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މީހެއް ކަމަށް ތުހުމަތު ކޮށްފައިވާ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ހޫދު ދޫކޮށްލާފައިވަނީ އޭނާގެ ބަންދު މުރާޖައާ ކުރުމަށް އެދުމުން، ދެފަރާތުން ވެސް ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ފުރަތަމަ ދެ މަސް ދުވަހަށެވެ. އަދި އޭގެ ފަހުން އިތުރަށް ދެ މަސް ދުވަސް އޭނާއަށް ދީފައިވެއެވެ.
އެގޮތުން ހޫދު ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 އިން ފެށިގެން ޑިސެމްބަރު 15 އާ ހަމައަށެވެ. އެ މުއްދަތު ހަމަވާން ގާތްވުމުން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހެޅުމުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން މިއަހަރުގެ ފެބްރުއަރީ މަހުގެ 12 އަށް ބަންދުން މިނިވަން ކުރިކަމުގެ މުއްދަތު އިތުރު ކޮށްދީފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އިއްޔެ ނިންމީ ދަށު ކޯޓުން ހޫދު ދޫކޮށްލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ.
އެގޮތުން ހޫދު ބަންދުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން ރިއާޔަތްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކަމަށް ބުނެފައިވާއިރު، އެ ގާނޫނަށް ބަލަން ޖެހޭ ސަބަބެއް މި ހާލަތުގައި ނެތް ކަމަށް ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. އަދި އޭނާއަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމުގައިވާއިރު، އެ ގާނޫނުގައި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖައާ ކުރަން ހާއްސަ އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާކަން ހައިކޯޓުން ބުނެފައިވެއެވެ.



