ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ހެނދުނު ކާރެއް ކޮންޓްރޯލު ނުވެގޮސް އެކްސިޑެންޓެއް ހިނގީ، އެ ކާރު ދުއްވަން އިން ޑްރައިވަރަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެގެން ކަމުގައި އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިއަދު ހެނދުނު 10:00 ހާއިރު އެ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލު ނުވެގެން ގޮސް ޕިކަޕެއްގައި ޖެހިގެންނެނެވެ. އެ ޕިކަޕުގެ ފަހަތުގައި ކާރު ޖެހުނީ ރޯޑު ޑިވައިޑަރުތަކާއި ވޭނެއްގައި ޖެހުމަށް ފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާލުވެފައިވެއެވެ.
ކާރު ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް ސިއްހީ ކުއްލި ހާލަތެއް ކާރު ދުއްވަނިކޮށް ދިމާވިކަން އެމްއޭސީއެލްގެ ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވީ ކާރުގައި ތިބި ދެމީހުންނަށެވެ. އެގޮތުން ކާރު ދުއްވަން އިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ކާރުގެ ފަހަތު ސީޓުގައި އިން މީހާއަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާތަކެއްވެފައިވެއެވެ.



