ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހެން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑުބައެއް މިއަހަރުގެ ރޯދައިގެ ކުރިން ދައްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅު ދެކުނުބުރިއާއި އުތުރު ބުރިއަށް މިއަދު ހެނދުނު ކުރައްވަން ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ގދ. ހޯނޑެއްދޫއަށް މިއަދު ހެނދުނު ވަޑައިގަންވަވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް އަންނަ ރޯދައިގެ ކުރިން ދައްކާނެ ކަމަށެވެ.
”މި ޖެނުއަރީ އަދި ފެބްރުއަރީ މަހު، ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ، މިހެން ގޮސް ކިޔާނެ ކަމެއް ނެތް މިކަހަލަ ކުންފުނިތައް އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެހުރީ. އެ ކުންފުނިތައް މިސް މެނޭޖްކޮށްފައިވާ ބޮޑުކަމުން. އެއިގެން ވެސް ބޮޑު އިންސައްތައެއް މި ބަލަނީ މި ދެ މަސް ތެރޭގައި ރޯދަމަސް އަންނަން ވާއިރަށް ދީ ނިންމޭތޯ،“ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ ދައްކަމުން އަންނަކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ހަފްތާ ތެރޭގައި ވެސް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ކުންފުނިތަކަށް ދޫކުރަމުން އަންނަ ކަމަށެވެ.



