ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންހިންދުމުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑެއް ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިއްޔެ ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މެޓް އޮފީހާއި އެންޑީއެމްއޭ އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.




