ރައްޔިތުން މަޖިލީހުގެ ރައީސް އާއި މިނިސްޓަރުން އަދި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އެލަވަންސްތައް ބޮޑުކޮށް ޓޭކް ހޯމް މުސާރަ ނުވަތަ އެ މަގާމުތަކަށް ލިބޭ ޖުމްލަ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ މަޖިލީހުގެ ރައީސްއަށް އިތުރު އެލަވަންސެއް ހަމަޖެއްސުމަށާއި މިނިސްޓަރުންގެ ކާރު އެލަވަންސް ބޮޑު ކުރުމުގެ އިތުރުން ކައުންސިލަރުންނަށް އިތުރު އެލަވަންސެއް ދިނުމާ މެދު މަޝްވަރާ ކުރުމަށެވެ. އެހެންކަމުން އިދާރީ މޭޒުން މަޝްވަރާއަށް ހުޅުވާލީ މަޖިލީހުގެ ރައީސްއަށް 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމަށެވެ. މިފަދައިން ހަމަޖެހިއްޖެނަމަ އެ މަގާމުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 95،125 ރުފިޔާ މަޖިލިސް ރައީސަށް މަހަކު ލިބޭނެއެވެ.
މިނިސްޓަރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑު ކުރުމުން، ކޮންމެ މިނިސްޓަރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75،500 ރުފިޔާ ލިބޭނެއެވެ.
މީގެއިތުރުން ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސްއެލަަވަންސެއް ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އެގޮތަށް އެލަވަންސްތައް ބޮޑު ކުރަން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. އެކަމާ ދެކޮޅު ހެއްދެވީ ކޮމިޓީއަށް މިއަދު ވަޑައިގަތް އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.



