ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަމުންދާ ޓިކްޓޮކްއާއި ޓްވިޓާ ރާއްޖޭގައި ބޭނުން ނުކުރެވޭ ގޮތަށް ބޭން ކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދަނީ ”ބުހުތާން ދޮގު ވާހަކަތަކެއް“ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ޓިކްޓޮކާއި ޓްވިޓާ ރާއްޖޭގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އަޅާ ހުރަސްތަކެއް ކަމުގައި ވިދާޅުވެފައެވެ.
ޢަބްދުﷲ ޝާހިދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަންގުޓީވީޢަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން ޓިކްޓޮކާއި ޓްވިޓާ ބޭން ކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ޚިލާފު ބުހާން ދޮގު ވާހަކަތަކެއް ކަމުގައެވެ.
އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް މި ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.



