ރާއްޖެއަށް މިހާރު ކުރަމުމުންދާ ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެންބޮޑުވާތީ، ރަށްރަށުން ފެނ ހިންދުމަށް 72 ޕަމްޕު މިހާރު ފޮނުވާފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިއަހަރު ފެށުނު އިރުވެސް ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އަދި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ދިޔުމާ ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމައަށް ރާއްޖެއަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ލަފާ ކޮށްފައެވެ.
މި ވިއްސާރައިގައި ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރުމުގެ ގޮތުން މިއަދު ފުލުހުންނާއި އެމްއެންޑީއެފް އަދި އެންޑީއެމްއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އެންމެ ބޮޑަށް ފެންބޮޑުވާ 72 ރަށަކަށް، ފެންހިންދުމަށްޓަކައި މިހާރު ޕަމްޕު ފޮނުވާފައިވާނެ ކަމަށެވެ.
”ފެންބޮޑުވާ ހާލަތަކަށް ތައްޔާރުވުމަށް އެންޑީއެމްއޭ އިން ވާނީ ވަސީލަތްތައް ފޯރުކޮށްދީފައި. މީގައި މިހާރު ވެސް އަޅުގަނޑުމެން 72 ރަށަށް، އާންމު ގޮތެއްގައި ފެންބޮޑުވާ 72 ރަށެއްގައި ފެން ހިއްކާ ޕަމްޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދެވިފައިވާނެ،“ ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ފިކްސްޑް ބޭސް ފެން ހިންދާ ނިޒާމުތައް ވެސް މިހާރު ރަށްރަށުގައި ބެހެއްޓިފައި ހުންނާނެ ކަމަށް ހިސާން ވިދާޅުވިއެވެ.




