އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)، ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދިކަމުގެ މައްސަލައިގައި، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށާއި އަނބުރާ އެމްޑީޕީއަށް ވައްދާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިއްޓޭ ވިދާޅުވީ، އޭނާ ޕީއެންސީއަށް ވެއްދި ތާރީޚު ކަމުގައި ފެންނަން އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަސް ކަމަށެވެ. އެކަން އޭނާއަށް މީގެ ކުރިން އެއްވެސް ވަރަކަށް އެނގިފައިނުވާ ކަމަށާއި އެކަން އެނގުނީވެސް އެހެން މީހެއްގެ ފަރާތުން ކަމުގައި ވެސް ފިއްޓޭ ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އިންތިޚާބުވާ ޕާޓީ ބަދަލުކޮށް އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނު އަސާސީ ސަރުކާރުން ވަނީ މިދިޔަ އަހަރު ފަހުކޮޅު ބަދަލުކޮށްފައެވެ. އެހެންކަމުން ފިއްޓޭގެ މެމްބަރުކަމުގެ ގޮނޑިއާމެދު ވަނީ ސުވާލު އުފެދިފައެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އީސީން ބުނީ ފިއްޓޭގެ ޕާޓީ ބަދަލުވި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ އޭނާގެ އެއްވެސް އިޚްތިޔާރެއްނެތިކަން ވެސް އެ ކޮމިޝަނަށް އެނގިފައިވާ ކަމަށެވެ.
އެއާއެކު އީސީގެ ކުއްލި ބައްދަލުވުމެއް ބާއްވާ، ފިއްޓޭ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައިވާނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.




