ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރު ކުރުމަށް، ސައްޙަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ގޮތް އެ ޕާޓީން ވެސް ބަލަމުންދާ ކަމަށް ބުނެފިއެވެ.
ކޮންގްރެސް ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި ”މެންބަރޝިޕް ޑްރައިވް“ ހަރަކާތުގައި އެތައްހާސް ފޯމެއް އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) ހުށަހަޅާފައި ވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
”މެންބަރޝިޕް ޑްރައިވް“ އަކީ ޕީއެންސީ އިދާރީ މުވައްޒަފުން ނުހަނު ބުރަކޮށް މަސައްކަތް ކުރި ހަރަކާތަކެއްކަން ފާހަގަކޮށް އެ ޕާޓީން ބުނީ އިލެކްޝަންސްގެ ޕޯޓަލްއަށް އެ ފޯމުތައް އަޕްލޯޑު ކުރަމުންދިޔަ ނަމަވެސް އެ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ލިބިފައި ނުވާ ކަމަށެވެ.
”ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ މާހައުލެއް ދިވެހިރާއްޖޭގައި ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގައި ވަސީލަތްތައް ހުރިގޮތުން މިކަމަކީ ޕީއެންސީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަން“ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނީ ސައްހަ ނޫން ފޯމުތަކެއް އެ ޕާޓީގެ ނަމުގައި ހުށަހަޅާފައިވާ ކަމަށް ބުނެ އީސީއާއި ފުލުހުންނަށް ޝަކުވާތަކެއް ލޮގް ކޮށްފައިވާތީ، އެމައްސަލަ ބަލަމުންދާކަން އެ ދެ މުއައްސަސާއިން ވެސް ޕީއެންސީއަށް އަންގާފައިވާ ކަމަށާއި އެ ޕާޓީންވެސް ދަނީ އެ ފޯމުތައް ހުށަހެޅިފައިވާ ގޮތް ބަލަމުން ކަމަށެވެ.



