އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދު (އައިއައިޔޫއައި) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ.
އެމަނިކުފާނަށް އަރުވާފައިވާފައިވަނީ އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ.
ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރައީސް މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނަށް ފަހުއެވެ. މިޝަރަފު އެރުވުމަށް ވަކިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރެވެ. އެމަނިކުފާނަށް އޮނަރަރީ ޑިގްރީ އަރުވައިދެއްވާފައިވަނީ ޝެހެބާޒް ޝަރީފްއެވެ.
މި އޮނަރަރީ ޑޮކްޓަރޭޓް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރައީސްއަށް އަރުވާފައިވަނީ، ޕާކިސްތާނުގެ ރައީސް، ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުންނެވެ. މިއީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ޤަވާއިދުތަކާއި، އަދި މި ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސްއަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުން، ރައީސް މުޢިއްޒުއަށް އަރުވާފައިވާ ޝަރަފެކެވެ.
އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރަށް ހިންގުމުގެ ދައިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަން ކުރުމަށެވެ.



