އެސްޓޯނިއާއާއެކު ގުޅިގެން ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ޝުކުރެއް އެ ޤައުމުގެ ރައީސް އަލާރް ކައިސް އަށް އަދާކޮށްފިއެވެ.
ރައީސް މުޢިއްޒު މީގެ އިރުކޮޅެއް ކުރިން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެސްޓޯނިއާގެ ރައީސް އެމަނިކުފާނަށް ދެއްވި ދައުވަތަށާއި، ކިޔުއްވި މަރުހަބާއަށް އަދި އަދާކުރި މެހެމާންދާރީ ވެސް ވަރަށް ފުރިހަމަކަން ފާހަގަ ކުރައްވައި، އެސްޓޯނިއާގެ ރައީސް ކައިސް އާއި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެތަނުގައި ހުންނެވުމަކީ ޙަޤީޤަތުގައި ވެސް ޝަރަފެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމު އެއްކޮށް ގުޅިގެން ކުރިއަށް ދެވޭނެކަމުގެ އުންްމީދު ވަރަށް ބޮޑު ކަމަށެވެ.
”ޑިޖިޓަލް ގަވަނެންސް، ސައިބާ ރެސިލިއަންސް، މޫސުމަށް އަންނަ ބަދަލުތައް އަދި ތައުލީމީ ދާއިރާތަކުގައި އަޅުގަނޑުމެން ހިއްސާކުރާ ތަސައްވުރާއި އިސްކަންދޭ ކަންތައްތަކުން، ކުރިއަށް އޮތް އަހަރުތަކުގައި އެކުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެންގެ މަސައްކަތްތަކަށް މަގު ދައްކައިދޭނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓޯނިއާގެ ރައީސް ވިދާޅުވި ގޮތަށް، ރާއްޖެ އާއި އެސްޓޯނިއާ ކަހަލަ ކުދި ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، ހަމައެކަނި މި ގައުމުތަކުގެ ސަލާމަތާއި މިނިވަން ކަމަށް އެކަނި އޮންނަ ގުޅުމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ސުލްހަ އާއި ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ވަރަށް މުހިންމު ގުޅުމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.



