މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހައުސިންގް މިނިސްޓްރީގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ރިކަވާކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތޮލިބު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބެކްއަޕް ސާވާ ނިޒާމުތަކެއް ބެހެއްޓުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދަނިކޮށް ކަމަށެވެ.
އެހެންކަމުން ސާވާގެ ޑިސްކުތައް ރިކަވާކޮށް، ސިންގަޕޫރަށް ފޮނުވައިގެން އެއިން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ ފުދޭވަރަކަށް ބޮޑަށް އެ ސާވާތަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ މި ހާދިސާ ހިނގިއިރު ހައުސިންގް މިނިސްޓަރުގެ ގޮތުގައި ހުންނެވި ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވީ އަލިފާނުގެ އެ ހާދިސާގައި މިނިސްޓްރީގެ ގާތްގަނޑަކަށް ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އެއްކޮށް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.




