ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެނިކޮށް ހުއްޓުވުމުން، އެ ކުންފުނީގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ފަހުމީ ”އެކްސް“ މެދުވެރިކޮށް ރޭގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައި ކަމަށާއި އަދި އެ މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށެވެ.
ޓްރާންސްފޯމަރަށް އެމީހާ ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އެމްޑީ ފަހުމީ ރޭގައި ވިދާޅުވިއެވެ،
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް، އެކަން ހުއްޓުވި އެ ކުންފުނީގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ރޭގެ 9:43 ހާއިރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި ޗަނބޭލީގެ / އިބްރާހިމް ޒާލިފް (37އ.) އެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ



