އިދިކޮޅު އެމްޑީޕީގެ ޖަގަހައަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މަޖީދީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ރޭ ދަންވަރު 00:59 ހާއިރު ކަޅުތެޔޮ ޖަހާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީން މީގެ ދުވަސްތަކެއް ކުރިން އެ ޖަގަހައިގެ ގޭޓުގައި ހިއްޕާފައިހުރި ޕީއެންސީ މެންބަރުންތަކެއްގެ ފޮޓޯތަކާ ދިމާލަށެވެ.
އެމްޑީޕީން އެއިރު ބުނެފައިވަނީ ޕީއެންސީގެ އެ މެންބަރުންނަކީ ދިވެހި ރައްޔިތުންގެ މައުލޫމާތު ”ވަގަށް ނަގައިގެން“ އެ ޕާޓީއަށް ވެއްދުމުގައި ”މުލުވަގުން“ ކަމަށާއި އެމީހުންގެ ފޮޓޯ އެގޮތަށް ހިއްޕައިގެން، އެ މެންބަރުންގެ މައުލޫމާތު އެމްޑީޕީން ހާމަކުރަނީ ކަމަށެވެ.
އެމްޑީޕީ ޖަގަހައަކަށް ކަޅުތެޔޮ ޖެހި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



