އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި، ޚާއްސައެހީއަށް ބޭނުންވާ ކުއްޖެކޭ ބުނުމުން ގިނަ ބަޔަކަށް ހީވެފައިވަނީ އެކުދިންނަކީ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ނުކުރެވި ”ނުކުޅެދުންތެރި“ ބައެއްގެ ގޮތުގައެވެ. ގިނައީ އެފަދަ ކުދިންގެ ޤާބިލުކަމާމެދު ޝައްކުކުރާ، އެކުދިންނަށް ދިރިއުޅުމުގައި އިތުރަށް ކުރިއަށް ދިޔުމަށް ފުރުސަތުތައްވެސް ފަހިނުކޮށްދޭ ފަރާތްތަކެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ވެސް އަމިއްލަ ނަފްސާމެދު އިތުބާރު ކުރަން އުނދަގޫވެ، ކަންކަމާ ނުވަތަ ދުނިޔެއާ ކުރިމަތިލާން ޖެހިލުންވެއެވެ.
ނަމަވެސް އަލީ ޖުމާން (20އ.) ގެ ވާހަކަ ތަފާތެވެ. އިވުމާއި ވާހަކަ ދެއްކުމުން އެންމެ ތުއްތު އިރުން ފެށިގެން މަހުރޫމްވެފައިވީ ނަމަވެސް، އެއިރުވެސް އަދި މިހާރުވެސް އޭނާގެ ހިތްވަރަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ. ޖަމާލުއްދީން ސްކޫލުން ތަޢުލީމު ހާސިލުކޮށް ނިންމާލީ ވަރަށްވެސް އެދެވޭ ނަތީޖާއާއެކުގައެވެ. މިހާރު އޭނާއަކީ ޚާއްސާއެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ފަރުވާދޭ ކްލިނިކެއް ކަމަށްވާ ފިޒިއޯ ކްލިނިކްގައި މަސައްކަތްކުރާ އެތަނުގެ ހީވާގި މުވައްޒަފެކެވެ. މީގެއިތުރުން އޭނާދަނީ ޕޮލިޓެކްނިކްގައި އިތުރަށް ތަޢުލީމުވެސް ހާސިލުކޮށް، މަތީ ސަނަދުތައް ވެސް ހާސިލު ކުރަމުންނެވެ.
ޖުމާންގެ ވާހަކަ ”ސައުވީސް“ އާ ހިއްސާ ކުރަމުން އޭނާގެ މަންމަ ތިއްތިމަނިކެ ބުނީ، ޖުމާންއަށް ”އެހެންވީ“ ވިހެއުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ.
”ސިޒޭރިއަން ހެދިއިރު (ވެކިއުމް ކުރިއިރު) ބޮލަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނީ. އޭނާ ތުއްތުއިރު އޮތީ އޮރެންޖު ކުލައިގައި. އަހަރެއްވީ ފަހުން ޑޮކްޓަރަށް ދެއްކޭވަރުވީ. ޑޮކްޓަރު ބުނީ އަވަހަށް ފުރައިގެން ދާށޭ. އެހެންވެ އެހީ ލިބިގެން އިންޑިއާއަށް ގޮސް އެތަނުގެ ޑޮކްޓަރަކަށް ދައްކައި، ޓެސްޓުތައް ހެދީމަ އެނގުނީ. އެތަނުގެ ޑޮކްޓަރުން ބުނި ބޮލަށް ގެއްލުންވުމުގެ ސަބަބުން ނާރު ފިތިފައޭ ހުރީ، އެހެންވެ އިވުމާއި ވާހަކަ ދެއްކުމުގައި މައްސަލަ ހުންނާނެ ކަމަށް، ހިއަރިންގް އެއިޑް އަޅަން ޖެހޭނެ ކަމަށް ވެސް ބުނި“ ތިއްތިމަނިކެ ކިޔައިދިނެވެ.
މިފަދަ މައްސަލަތަކެއް ހުރިކަމުގައިވިޔަސް ޖުމާންގެ މަންމަ ބުނީ އެއިރުވެސް އަދި މިހާރުވެސް ޖުމާން ގެންގުޅެން އުނދަގޫ ނޫން ކަމަށާއި އޭނާއަކީ ވަރަށް ބަސްއަހާ ދަރިއެއް ކަމަށެވެ. އަދި މިހާތަނަށް ޖުމާންއާ ބެހޭގޮތުން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަން ވެސް އޭނާގެ މަންމަ އުފަލާއެކު ފާހަގަ ކުރިއެވެ.
”އެހެންނު ކުޑައިރު، ކެއާ ސޮސައިޓީއަށް ގެންދިޔައިރު ކަމެއް ދިމާވި. އެކަމަކު ވީކީއްކަމެއް އަދި އަދަށްވެސް ނޭނގެ. ޖުމާން އެތަނަށް ފަހުން އެއްގޮތަކަށް ވެސް ދާން ބޭނުމެއް ނުވި. އެތަނަށް ގެންދަން ތައްޔާރު ކުރަން ފެށިޔަސް ރޯނެ. އެމަގަށް އެރިއަސް އޭނާއަށް އިނގޭނެ، އެހެންވެ ނުދާން ވަރަށް ރޮއެ ހެދި. އެމީހުން (ކެއާ ސޮސައިޓީ މީހުން) ކައިރީގަ އަހައިގެން ވެސް ވީގޮތެއް ނޭނގުނު. އޭގެ ފަހުން އެލްކޭޖީއަށް ފަލާހަށް ގޮސް، ގްރޭޑް އެކަކަށް ޖަމާލުއްދީނަށް ދިޔައީ“ ޖުމާންގެ މަންމަ ކިޔައިދިނެއެވެ.
ޖުމާންގެ މަންމަ އިތުރަށް ބުނީ، ޖުމާންއާ ވާހަކަ ދައްކަން އެއްވެސް ވަރަކަށް އުނދަގޫނުވާ ކަމަށާއި އަދި އެހެން މީހުން ދައްކާ ވާހަކަ ޖުމާން ވެސް ވަރަށް ފަސޭހައިން ނަގައިގަންނަ ކަމަށެވެ. އެގޮތުން މީހުން ވާހަކަ ދައްކާއިރު އަނގަޔަށް ބަލައިގެން އިނުމުން، އެމީހުން ކިޔާނުކިޔާ ޖުމާންއަށް އެނގޭ ކަމަށާއި އުމުރުން 10 އަހަރުގައި އޮޕަރޭޝަން ކުރިފަހުން މިހާރު ޖުމާންއަށް ބާރު އަޑުތައް ކޮންމެވެސް ވަރަކަށް އިވޭ ކަމަށާއި ބައެއް ކުދިކުދި ބަސްތައް ވެސް (މިސާލަކަށް މީހުންގެ ނަންތައް) ވެސް އޭނާއަށް ކިޔޭ ކަމަށް ތިއްތިމަނިކެ ބުންޏެވެ.

”އެކުއްޖާ ވަރަށް މަސައްކަތް ކުރޭ، ކުރިންވެސް މިހާރުވެސް. ވަރަށް ހިތްވަރުގަދަ. ކިޔެވުންވެސް ރަނގަޅު. ދާންޖެހޭ އެއްވެސް ތަނަކަށް ނުދާން ބޮޑައެއް ނުހާކާ، ކެއާ ސޮސައިޓީއަށް ނޫނީ. ވަރަށް ބަސްއަހާ ރަނގަޅު ކުއްޖެއް އެއީ. ވަރަށް އުފާވެ ފަޚުރުވެރިވާ ދަރިއެއް އެއީ“ އުފަލާއެކު ޖުމާންގެ މަންމަ ހިއްސާ ކުރިއެވެ.
ޖުމާންގެ މަންމަގެ އިތުރުން އޭނާ ވަޒީފާ އަދާކުރާ ފިޒިއޯ ކްލިނިކްގެ މެނޭޖްމަންޓާއި އެހެން މުވައްޒަފުން ވެސް އޭނާއަށް ކުރަނީ ތަޢުރީފެވެ. އެގޮތުން ޖުމާންއަކީ އެތަނުން ތެރަޕީވެސް ނަގަމުން އަންނަ ކުއްޖެއްކަން ފާހަގަކޮށް، އޭނާއަކީ އެންމެންނާވެސް ގުޅޭ، މަޖާ މިޒާޖެއް ހުންނަ އަދި މަސައްކަތަށް ވަރަށް ފަރުވާތެރި ހީވާގި މުވައްޒަފެއްކަން އެ ކްލިނިކުން އުފަލާއެކު ފާހަގަ ކޮށްފައިވެއެވެ.

ޕޮލިޓެކްނިކްގެ ލެކްޗަރަރ އެއް ކަމުގައިވާ ސައީދް ސަރ ގެ އެހީގައި ”ސައުވީސް“ ގެ ފަރާތުން ޖުމާންއާ ވެސް ސުވާލު ކޮށްލީމެވެ.
އެގޮތުން ޖުމާން ބުނީ އޭނާއަށް ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އެއްވެސް ހުރަހެއް ނުވާ ކަމަށާއި އޭނާ ބޭނުންވަނީ އަޑު ނުއިވި، ވާހަކަ ނުދެއްކުނު ކަމުގައިވިޔަސް ދިރިއުޅުމުގައި ވީހާވެސް ކުރިއަށް ދިޔުން ކަމަށެވެ.

”މިކަމަކީ ބަލިފައެއް ކަމުގައި ދެކޭކަށް ބޭނުމެއް ނޫން. މިއީ ބަލިފައެއް ވެސް ނޫން. އެހެންމީހުންނަށް ކުރެވޭ ކަންކަން އަހަންނަށް ވެސް ކުރެވޭނެ. މާތް ﷲ އިރާދަފުޅާއެކު އަހަރެންގެ ގައިގައިވެސް ބާރުއެބަހުރި، އަތްފައި ސަލާމަތުން އެބަހުރި. އެހެންވެއްޖިއްޔާ ފަހަތަށް ޖެހި ނުވަތަ ކުރިއަށް ނުދެވި ހުރުމުގެ އެއްވެސް ސަބަބެއް ނެތް“ ހިތްވަރުގަދަކަމާއެކު ޖުމާން ބުންޏެވެ.
ޖުމާން ބުނީ ސްކޫލުގައި އުޅުނުއިރު މަދު ކުދިންތަކެއް އޭނާއަށް ހަނގާކޮށް ހެދި ކަމަށެވެ. އޭނާއަށް ވާހަކަ ނުދެއްކޭތީ އަދި އަޑު ނުއިވޭތީ މަލާމަތް ކުރިކަމަށް ވެސް ބުންޏެވެ. ކުރިން އެކަމާ ދެރަވެ، ރޮވުން ކަމުގައިވިޔަސް، އެމީހުން ކިޔާ އެއްޗެއްސަށް އަޅާނުލާން ފެށުމުން، އެފަދަ ކަންކަމާ ކުރިމަތިލާން ފަސޭހަވި ކަމަށް އޭނާ ބުންޏެވެ. އަދި އެކުދިން ވެސް ފަހުން އެކަންކަން ކުރުން ހުއްޓާލި ކަމަށް ބުންޏެވެ.
ކިތަންމެ ހިތްވަރުގަދަނަމަވެސް ޖުމާންއަށް ވެސް ކުރިމަތިވާ ގޮންޖެހުންތަކެއް ހުރެއެވެ. އެގޮތުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއްކަމަކީ ބައެއް ތަންތަނަށް ދިޔުމުން އެތަނުގައި ތަރުޖަމާނެއް ނެތުމުން މުއާމަލާތް ކުރުމުގެ ދަތިކަމެވެ.
”ތަރުޖަމާނެއް ނުހުންނާތީ ބައެއްފަހަރު އުނދަގޫވޭ މީހުންނާ ވާހަކަ ދައްކަން. ވަރަށް މަސައްކަތްވެސް ކުރަން، ގިނަ ފަހަރަށް އެކަން ކާމިޔާބުވެސްވޭ. އެކަމަކު އެނގޭ ކޮންމެ ތަނެއްގައި ތަރުޖަމާނެއް ނުހުންނާނެކަން ވެސް (ހުރުން ރަނގަޅުކަމަށް ދެކެނު). މިހާރު އިޝާރާތުން ބުނެދީގެން ވެސް މީހުންނަށް އަހަރެން ކިޔާ އެއްޗެއް ނޭނގުނީމަ ފޯނުގެ ’ނޯޓްސް‘ ގައި ލިޔެފަ ދައްކަނީ. އަދި އެމީހުން ވެސް އެގޮތަށް ކަންތައްކުރޭ. އެގޮތުން ފަސޭހަ މިހާރު“ ޖުމާން ބުންޏެވެ.
ދިރިއުޅުމުގައި ޖުމާން ދެރަވަނީ، އޭނާއަށް ކިޔަވައިދޭން އަންނަ ބައެއް ޓީޗަރުން ބަދަލުވުމާއި ބައެއްފަހަރު ވަރަށް ގާތްކޮށް އުޅޭ މީހުންނާވެސް ދުރަށްދާން ޖެހުން ކަމުގައި އޭނާ ބުންޏެވެ. އެގޮތުން ކިޔަވައިދޭން އަންނަ ޓީޗަރުން ބަދަލުވުމުން، ދެން އަންނަ ޓީޗަރަކު ދަސްކުރަން ނުވަތަ ހޭނެން ވަގުތު ނަގާ ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާއާ އެކުގައި ފިޒިއޯ ކްލިނިކްގައި މަސައްކަތް ކުރި، އޭނާގެ ވަރަށް ގާތް އެކުވެރިއަކު ވަޒީފާއިން ވަކިވެގެން ދިޔުމުން އެކަމާވެސް އޭނާ ވަރަށް ހިތާމަކުރި ކަމަށް އޭނާ ބުންޏެވެ.
ޖުމާންއަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފިޒިއޯ ކްލިނިކް އިން ދިނީތީ، އޭނާ އެ ކްލިނިކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއެވެ. އޭނާ ބުނި ގޮތުގައި މިފަދަ ފުރުސަތެއް އޭނާއަށް ލިބުންވެގެން ދިޔައީ ދިރިއުޅުމުގައި އޭނާއަށް ލިބުނު އައު ހިތްވަރަކަށެވެ.
މިހާރު ޕޮލިޓެކްނިކްގައި އިންޖިނިއަރިންގް ކިޔަވަމުން ދިޔަނަމަވެސް، ޖުމާން ހަގީގަތުގައި ކުރިއަށްދާން ބޭނުންވަނީ އެކައުންޓިންގްގެ ދާއިރާއިން ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް އެފަދަ ކޯސްތައް ހިންގުމުގައި ތަރުޖަމާނެއް ނުހުންނާތީ، އެކަމުން އަދި ކުރިއަށް ނުދެވިފައި ހުރި ކަމަށް ޖުމާން ބުންޏެވެ.

ޖުމާންގެ ޚާއްސަ މެސެޖެއް އެފަދަ އެހެން ކުދިންނަށް އެބައޮތެވެ.
”މިއީ ތަޤުދީރު ނިޔާ ކުރި ގޮތް. މިކަން ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއީ ނުކުޅެދުންތެރިކަމެއް ކަމުގައި ދެކިގެން ނުވާނެ. އެންމެންނާވެސް ގުޅިގެން އުޅުމަކީ ވަރަށް ބޮޑު ހިތްވަރެއް. ތިމާގެ ހާލަތާހެދި ވަކި ކަމެއް ނުވާނޭ ހީކުރުމުގެ ބަދަލުގައި ވިސްނަންވާނީ ކުރިއަށް ދާނީ މިކަމާ އެކީގައިކަން، މިކަމަކީ ތިމަންނާގެ ނަފްސުގެ ބައެއްކަން. އެންމެ މުހިންމުކަމަކީ ތިމާ ހުރިގޮތް ތިމާ އަމިއްލައަށް ބަލައިގަތުން. އޭރުން އެހެން މީހަކު ބަލައިނުގަތަސް އުޅެން ވަރަށް ފަސޭހަވާނެ“
ޖުމާން ދޭ ނަސޭހަތަކީ، އަޒުމް ކަނޑައަޅައި ކޮންމެ ކަމެއް ވެސް ކުރަން މަސައްކަތް ކުރުމެވެ. އެކަމަކަށް ފުރަތަމަ މަސައްކަތް ނުކޮށް، އެކަން ނުވާނެ ކަމަށް ނުދެކުމެވެ. މިފަދަ ނަސޭހަތަކީ އެންމެންނަށް ވެސް ނުހަނު ބޭނުންތެރި އަދި ފައިދާހުރި ބަސްކޮޅެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.



