މާލޭ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކަށް ބާލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައްކަމަށް ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 73 މައްސަލައެއް މާލެސިޓީން ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އެ ހިސާބުތަކަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. ޓްރެފިކް އެކްސިޑެންޓުތަކުގެ 53 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވަނީ ތަކެއްޗަށް ގެއްލުން ދިނުމުގެ 26 މައްސަލައަކާއި، މަސްތުވާތަކެތީގެ 27 މައްސަލައަކާއި، ޚިޔާނާތްތެރިވުމުގެ 12 މައްސަލައަކާއި، ފޭރުމުގެ ނުވަ މައްސަލައަކާއި، މާރާމާރީގެ ހަތް މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކުގެ ތިން މައްސަލައެކެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުން އެކަމަށް ހައްލެއް ގެނައުމަށް މާލެއާއި ހުޅުމާލޭގައި ޓްރެފިކް ފުލުހުން ހުންނަ އަދަދުވެސް މިހާރު ވަނީ އިތުރުކޮށްފައެވެ.




