ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ހިންގާއިރު ކިޔެވުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް އިންތިޒާމު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އެދިލައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އެދިލައްވާފައިވަނީ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ ބައްދަލުވުމެކެވެ. މިއީ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގެ ތެރެއިން އެފަދަ ކަންކަން ހައްލުކޮށް ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނޭހެން އިތުރު ހަރަކާތްތައް އިންތިޒާމު ކުރުމަށް މިނިސްޓަރ ޝަފީޢު އެދިލެއްވިއެވެ.
”އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް“. މިނިސްޓަރ ވިދާޅުވިއެވެ.
ކުޅިވަރު ހަރަކާތްތައް ވެސް ބާއްވަން ވާނެކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން ވިދާޅުވީ ނަމަވެސް މިކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން މިކުރާ މައިގަނޑު މަސައްކަތައް ބުރޫއަރައިގެން ވާނެކަމަކަށް ދެކެވަޑައިނުގަންނަވާކަމަށެވެ.




