ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރަން ވަދެ، އޭނާއަށް ހަމަލާދިނީ ބަންގްލަދޭޝް ރައްޔިތެއްކަން އިންޑިއާ ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ބާންޑްރާގައި ހުންނަ ސައިފްގެ އެޕާޓްމަންޓަށް ވަގަކު ވަދެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެމީހާ ވައްކަން ކުރަން އުޅުނު ވަގުތު ސައިފްއަށް ނިދިން ހޭލެވި އެމީހާ ހުއްޓުވުމުން އެމީހާ ވަނީ ސައިފްއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.
މިހާދިސާ ގުޅޭގޮތުން މައުލޫމާތު ދެމުން އިންޑިއާ ފުލުހުން މިއަދު ބުނީ، ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތެއް ކަމަށާއި ނަމަވެސް އޭނާވަނީ އިންޑިއާއަށް އެތެރެވުމަށްފަހު އޭނާގެ ނަން ވިޖޭ ދާސް އަށް ބަދަލުކޮށްފައެވެ.
ސައިފްގެ ގައިގެ ހަ ތަނަކަށް އެމީހާ ވަނީ ވަޅި ޖަހާފައެވެ. އޭގެ ތެރެއިން އެއް ހަމަލާ އޭނާގެ މައިބަދަ ކައިރިއަށް ދީފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންކަމުން އޭނާގެ އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.



