ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ބިދޭސީއަކު ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުޙައްމަދު އާރިފް މިއާ (31އ) އެވެ.
މި ހިނގާ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް (1.05 ގްރާމް) ފެނިފައިވާ ކަމަށާއި އޭގެ އިތުރުން 92 ފުޅި ބަަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



