ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެނައި ބަދަލާ ގުޅިގެން އައްޔަނު ކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައީސް މުޢިއްޒު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބައެއް މިނިސްޓްރީތަކުގެ ނަންތައް ބަދަލުކުރައްވައި، ކެބިނެޓަށް ބަދަލުތަކެއް ވެސް ގެންނަވާފައެވެ. އެގޮތުން ހަތަރު މިނިސްޓްރީއަކަށް މިނިސްޓަރުން ވެސް އެދުވަހު އައްޔަނު ކުރެއްވިއެވެ.
އެގޮތުން އައްޔަނު ކުރެއްވީ:
° ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރަކަށް ތ. ބުރުނި، ނިވައިދޮށުގެ، މޫސާ ޒަމީރު
° ހަޔަރ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް މއ. ވެނީލާ، ޑރ. އަލީ ހައިދަރު އަހްމަދު
° އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރަކަށް މއ. މާރާދަގެ، ޑރ. މަރްޔަމް މާރިޔާ
° ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ގދ. ފިޔޯރީ، ގުލްބަކާގެ، ޑރ. އަބްދުﷲ މުއްތޮލިބް
މި ހަތަރު މިނިސްޓަރުންނަށް ރުހުން ދޭން ވޯޓަށް އެހުމުން، މިނިސްޓަރު ހައިދަރު ފިޔަވާ ދެން ތިބި ތިން މިނިސްޓަރަށް ވެސް ރުހުން ލިބިލެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިނިސްޓަރު ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވިއެވެ.




