ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުގެ މަގާމަށް މޫމިނާ އައްޔަނު ކުރުމަށް ނަން ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް، ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
މިކަމާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިންޓަވިއުއަކާ ނުލައި މޫމިނާ އެ މަގާމަށް އައްޔަނުކުރުމަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. އަދި ފިއްޓެގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ފަޒީލް އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުގެ މަގާމަށް މޫމިނާ އައްޔަނު ކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.


