ރަމަޟާން މަހަށް ޚާއްސަކޮށް ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށައިފިއެވެ.
”އެކްސް“ މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ 1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރުބަހަން ފަށައިފި ކަމަށެވެ.
އެގޮތުން ކަދުރުބެހުން ކުރިއަށް ދާނީ އަންނަ މަހުގެ 6 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެެސް ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމްގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސައުދީން ހަދިޔާކުރި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 20 ޕެކެޓުގެ ކަދުރެވެ. އެގޮތުން ކަދުރު ބެހުމުގައި ބަލާނީ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރާ، ކަދުރާ ހަވާލުވާ މީހާގެ އައިޑީކާޑަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅު ތެރެއަށް ކަދުރު ބަހާނީ، ކުރިންވެސް އަމަލުކުރަމުން އައި އުސޫލުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.



