ރާއްޖޭގެ ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ދައްކާލާ ބާޒާރެއް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރުވެސް ބޭއްވުމަށް އިވެންޓް ޕްރައިވެޓް ލިމިޓަޑުން ތައްޔާރުވެއްޖެއެވެ.
މި އަހަރީ އިވެންޓުގައި އަލިއަޅުވައިލައިފައިވަނީ ދޯނިފަހަރާއި ދޯނި ހެދުމާއި، ކަނޑުގެ ސްޕެއާ ޕާޓްތަކައި، މެޝިނަރީ، މަސްވެރިކަމުގެ ސާމާނާއި، ޑައިވިން އަދި ވޯޓާސްޕޯޓްސް ސާމާނާއި، ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ އެންމެ ގިނަ ދުވަހު ކުރިއަށްދާ އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓެވެ. މި އިވެންޓު ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އަހަރުގެ އިވެންޓުގައި ކަނޑުގެ އެންމެ ޒަމާނީ އިނޮވޭޝަންތަކާއި، ދެމެހެއްޓެނިވި ހައްލުތަކާއި، ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާނެކަމަށް ބުނެފައިވެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އިވެންޓުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ.




