ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާކޮށްފައިވާ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ހުކުމާ ހަމައަށް ވާސިލުވެއްޖެއެވެ.
މި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔައީ ފަހުން ހުށަހެޅި އައު ހެކީގެ މައްސަލައެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލު ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މީގެކުރިން ރައީސް ޔާމީންގެ ފަރާތުން ވަނީ، އެމަނިކުފާނަށް ތުހުމަތުވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ކުރިން ހުންނެވި ޔޫސުފް ނައީމް އަތުން ޑޮލަރު ގަންނަން ހިންގި މުއާމަލާތެއް ކަމަށް ބުނެ ހެކިވެސް ހުށަހަޅާފައެވެ. ނަމަވެސް ދަށު ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ކަނޑައެޅީ ޑޮލަރު މާރުކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް ބުނެ، ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތުމަށް ފަހުގައެވެ.
އެހެންކަމުން އެ ހެކިތައް އެއްފަރާތްކުރަން ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. މިކަމާ ހިތްހަމަނުޖެހިގެން ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވެސް ވަނީ ފަހު ބަސް އިއްވާފައެވެ.



