ރާއްޖޭގައި ރޫހާނީ ފަރުވާދެނީ ކަމަށް ބުނާ ނުވަތަ ފާލުބެލުމުގެ ފާފަވެރި މަސައްކަތް ކުރާ ”މާސްޓަރ ދުރްގާ ރާއޯ ގުރޫޖީ“ ގެ މައްސަލަ ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ މިއަދު ހެނދުނު ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ ”މާސްޓަރ ދުރްގާ ރާއޯ ގުރޫޖީ“ ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރައްވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
”ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފިނަމަ ލަސްނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން.“ ފުލުހުން ވިދާޅުވެފައިވެއެވެ.
އިންޑިއާއަށް ނިސްބަތްވާ އެމީހާގެ ފޭސްބުކް ޕޭޖުގައި އޭނާވަނީ ރާއްޖޭގެ ދީނާއި ސަޤާފަތާއި ޚިލާފު އެތައް ޚިދުމަތެއްދޭ ކަމުގެ އިޝްތިހާރުތަކެއް ޕޯސްޓު ކޮށްފައެވެ. އަދި އޭނާއަކީ ފާލުބަލާ މީހެއްކަމަށް ދޭހަވާގޮތަކަށް ވެސް އިޝްތިހާރު ކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް އެ ޕޭޖުގެ މައްސަލަ ފޭސްބުކްގައި ރިޕޯޓުވެސް ކޮށްފައެވެ.
ނޯޓު: ފާލުބެލުމާއި، ފަންޑިތަ ހެދުމަކީ އަޅުގަނޑުމެން މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ.



