ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނު ތެރޭގައި ރަށްރަށަށް ޒިޔާރަތްކުރެއްވިއިރު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިޔަޤީންކަން ދެއްވީ ރ. އަތޮޅަށް މިއަދު ހެނދުނު ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ވާދޫއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި ވަނީ ރިޔާސީ ކެމްޕެއިނުގެ ދުވަސްކޮޅުގައި ވެސް އެރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނަށް ވަޢުދުފުޅުތަކެއް ވެވަޑައިގަތްކަން ފާހަގަކުރައްވާފައެވެ. އަދި މިދަތުފުޅުގައި އެމަނިކުފާނު ރައްޔިތުންނަށް ދެއްވާ ޔަޤީންކަމަކީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދޭނެކަމުގެ ޔަޤީންކަން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު މި ދަތުރުތައް މި ކުރަނީ ކަންކަން ކޮށްދިނުމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ކަމާ ގުޅޭ ވުޒާރާތަކުގެ ވަޒީރުން އަޅުގަނޑާ އެކު ވަޑައިގެން އެ ކަންކަމުގައި ތިބޭފުޅުން ބޭނުންވާ ގޮތްގޮތް އޮޅުންފިލުވައި އެ ކަންކަން ކުރެވޭނެ ގޮތް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ރައީސް މުޢިއްޒު ފައްޓަވާފައިމިވާ ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން ވާދޫގެ އިތުރުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.




