ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމަށާއި، ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވާދޫ ކައުންސިލްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާމައި އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވީ މިއަދު އެމަނިކުފާނު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރ ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ޙިއްޞާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
”އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަކީ އަޅުގަނޑު ވަރަށް ބޭނުންވާކަމެއް“ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.




