ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެޕާޓްމަންޓުތައް ދައުލަތުގެ ބެލުމުގެދަށަށް ނެގި މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންވެސް ބަލައި ނުގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ހުޅުމާލޭ އަމީން އެވެނިއުގައި ހުރި ބައްސާމްގެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހުއެވެ. ނަމަވެސް އެ ކޯޓުގެ ރެޖިސްޓްރާ މައްސަލަ ރެޖިސްޓްރީ ކޮށްނުދިނުމުން، ރެޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް ބައްސާމްގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެދުނެވެ.
ނަމަވެސް ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ އެ މައްސަލައަކީ ދަށު ކޯޓަށް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށެވެ.
ފުލުހުން ބައްސާމްގެ އެޕާޓްމަންޓްތައް ނަގާފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ.



