ދަ ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވާދަ ކުރައްވަން ނިންމަވައިފިއެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމު ހުސްވެފައި މިވަނީ، އެމަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފު އެމަގާމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ހަސަން ލަތީފު ވަނީ މަގާމުން އިސްތިއުފާ ދެއްވައި، އަނބުރާ އެމްޑީޕީއަށް މިދިޔަ ހަފްތާގައި ސޮއި ވެސް ކުރައްވާފައެވެ.
ހަސަން ލަތީފުގެ އިސްތިއުފާއާ ގުޅިގެން ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމަށް ކުރިމަތިލައްވައިފިކަން އިއުލާނު ކުރައްވައި، އިމްތިޔާޒް ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއާއެކު އެ ޕާޓީގެ ސްޕޯކްސްޕާސަންކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ ރައީސް އާއި ފިިިރިހެން ނައިބު ރައީސްގެ އިންތިހާބު އޮންނާނީ އަންނަ މަހު 15ގަ އެވެ. ފިރިހެން ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިފާޒު ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.



