ރާއްޖޭގެ މޫސުމީ ހާލަތު ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް، ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު ދައުވަތު ދެއްވައިފިއެވެ.
ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލް ކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަށް 2025 ވަނަ އަހަރު ޕެރިހުގައި ޤައުމުތަކުން އެއްބަސްވިއެވެ. ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައާއި މި ވެރިކަމުގައިވެސް އެމެރިކާއިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ.
ޓްރަމްޕް ބުނެފައިވަނީ އެ އެއްބަސްވުން އެކުލަވާލާފައި ވަނީ އެމެރިކާގެ އިގުތިސޯދު ހީނަރުވާ ގޮތަށް ކަމުގަ އެވެ.
މިކަމާ ގުޅޭގޮތުން ސީވީއެފް މެދުވެރިކޮށް ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ އައު ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާ ކަމަށާއި ނަމަވެސް ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވެވަޑައިގަތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ އުފަން ޤައުމު (ރާއްޖެ) ހިމެނޭހެން މޫސުމީގޮތުން ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ބައްލަވައިލެއްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕަށް ދައުވަތު އަރުއްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެންމެ ނާޒުކު ގައުމުތަކުގެ މުސްތަގުބަލު ބަނަވަމުންދާއިރު، އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން އިސްނަގައިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަންވީ ވަގުތަކީ މިއީ ކަމުގައެވެ.




