މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހުޅުދުއްފާރަށް މިއަދު ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދެއްކެވުމުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ހިތްހަމަޖެހޭ މާހައުލެއްގައި ހޫނުގަދަ ރަށްރަށް އެއާކޯންކޮށް، ފިނިކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި މިކަން ގިނަ ކުޑަކުދީންނާއި، ބެލެނެވެރީން ވެސް ފާހަގަކުރާކަމަށާއި މި ކަމަށް ޚާއްސަކޮށްގެން މަޝްރޫއެއް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް ފިނި ކޮށްދިނުމަށް. ފުރަތަމަ އަޅުގަނޑުމެން އިސްކަންދޭނީ މުޅި ސްކޫލުގެ ހުރިހާ ތަންތަނަށްވުރެ ކިޔަވައިދޭ ކްލާސްރޫމްތައް ފިނިކޮށްދޭން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އޭސީ ހަރުކުރުމާއި އެއަށް ބޭނުންވާ ހަކަތަ، ރިނިއުބަލް އެނާޖީގެ ތެރެއިން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެކަން ފަށައި، އެ ކަމަށް ބޭނުންވާ ކަންކަން ހަމަޖެހި ވަރަށް ރަނގަޅު ހިސާބަކަށް ގޮސްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



