ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ރ. އުނގޫފާރުގައި ފަށައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާ އަދި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި މަޝްރޫޢު އެމަނިކުފާނު އިފްތިތާހު ކޮށްދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އެގޮތުން މާލޭގެ އިތުރުން ވިލިމާލެ އީ-ބްލޮކް އަދި އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންނަނީ ދެމުންނެވެ.
އެ ތަންތަނުގެ އިތުރުން ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި، ލ. ފޮނަދޫ އަދި ރ. އުނގޫފާރުން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މިހާރު ދެމުންގެންދެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ”އިމުގާ“ މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް އުނގޫފާރުން ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.



