ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އިސްކަން ދެއްވައިގެން، ރ. ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫޢެއް ހިންގަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި އަހަރަށް ކަނޑައެޅުއްވި ބަޖެޓުގައި އިސްކަންދޭ ތަރުތީބުގައި އެއްވަނައިގައި ބޯހިޔާވަހިކަން ހިމެނުއްވުމުގެ ޙިކުމަތް ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ، އިޖުތިމާޢީ މައްސަލަތަކުގެވެސް މައިގަނޑު ސަބަބުކަމަށެވެ. އެހެންކަމުން، ރަސްމާދޫއަށްވެސް ދިމާވެފައިވާ މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ހައުސިން ޔުނިޓު މަޝްރޫޢެއް ކުރިއަށްގެންގޮސްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، މިހާރު ހުއްޓިފައިހުރި މުހިންމު ކަންކަން ކުރިއަށްގެންދިއުމަށް، މަސައްކަތްތަކެއް ތަރުތީބުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ހުއްޓިފައިވާ ފެނުގެ ނިޒާމުގެ މައްސަލައަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ފަރާތުން ރަސްމާދޫ ނޫން ރަށްރަށުގައިވެސް މަސައްކަތް ހުރީ ހުއްޓާލާފައިކަމަށެވެ. ނަމަވެސް އަލުން އެ މަސައްކަތްތައް ފަށައި، މަސައްކަތް އެއްކޮށް ނިންމަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްގެ މަސައްކަތްވެސް، ގޮސްފައިވާ ހިސާބު ދެނެގަނެ، ދެން ނިންމަން ހުރި މަސައްކަތްތައް، ސަރުކާރުން ކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވައި، ލެބޯޓްރީއެއް ހިމެނޭ ގޮތަށް ރަށު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަސްމާދޫ އަކީ، އެރަށުގައި ފުލުހުން ޤާއިމުވެ ތިބޭ، އަދި ފުލުހުންގެ ޚިދުމަތްދޭ ރަށަކަށް، ވީހާވެސް އަވަހަށް ހެއްދެވުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާދޫ އެންޓަނާ މިހާރު ހުރި ތަނުން ބަދަލުކުރުމާއި، އެކަމުގައި ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން، އުރީދޫއާ ވާހަކަދައްކައިގެން، ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން ޙައްލު ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ރަސްމާދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.



