ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން އިޢުލާންކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން އިޢުލާންކުރެއްވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެ ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެ ޙައްލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވަނީ، ރަށުގެ ބިން ފުރިފައިވާކަމާއި، ފަޅުގައިވެސް ޖާގަ ނެތުމުން، ހިއްކުނަސް ހިއްކޭނީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއްކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރުގެ ބަޖެޓުގައި ހިމަނައި، ކަމާ ގުޅޭ ވުޒާރާތަކާއި ކައުންސިލުން މަޝްވަރާކުރެއްވުމަށްފަހު، މި އަހަރު ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ރާއްވަވާ މި މަޝްރޫޢުގައި ހިމެނިގެން، ކުރިން ހަދާފައިވާ ބަނދަރު ބެކްފިލްނުކޮށް ހުރުމުން ދިމާވާ މައްސަލަ އާއި، ގިރާ ސަރަޙައްދު ހިމާޔަތް ނުކޮށް އޮތް މައްސަލަ އާއި، ބަނދަރުގެ ބޭރު ތޮށި ވެހިކަލަށް ވަދެވޭ ގޮތަށް ހަދާފައި ނެތް މައްސަލައަށް ޙައްލު ހޯދައިދެއްވާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނޯންނާނޭކަމަށް ވިދާޅުވެ، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި ރ. މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންކަން ހަމަޖެހުމުން، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ހައުސިންގ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހައުސިންގް ޔުނިޓްތައްވެސް ހިމެނޭ ގޮތަށް، ހައުސިންގ މަޝްރޫޢު ހިންގައިދޭނޭ ފަރާތެއް ހޯދުމަށް، މި މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އިޢުލާންކުރައްވާނޭކަމަށެވެ.ހައުސިންގ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހައުސިންގް ޔުނިޓްތައްވެސް ހިމެނޭ ގޮތަށް، ހައުސިންގ މަޝްރޫޢު ހިންގައިދޭނޭ ފަރާތެއް ހޯދުމަށް، މި މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އިޢުލާންކުރައްވާނޭކަމަށެވެ.


