މާލޭގެ ގުދަނެއްގައި މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއަށް ލިބިފައިވަނީ ފަތިހު 4:20 ހާއިރެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ސިފައިންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ރޯވެފައިވާ އަލިފާންގަނޑު ފަތިހު 05:27 ހާއިރު ކޮންތްރޯލު ކުރެވިފައިވާ ކަމަށާއި މިއަދު ހެނދުނު 06:00 ހާއިރު އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
އެންޑީއެމްއޭ އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ( 14 ދިވެހިން އަދި 19 ބިދޭސީން) އެ އެޖެންސީއަށް ފާހަގަ ކުރެވުނު ކަމަށެވެ.
މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެންޑީއެމްއޭ އިން ހަމަޖައްސަމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އަދި ހާލުގައިޖެހުނު ބިދޭސީ 1 އާއިލާ ވަނީ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައި ކަމަށާއި 11 ބިދޭސީއަކަށް އެމީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.



