ރޭގައި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ދަމާގަތް އެއް ހާދިސާއަކީ މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަކުއްޖަކު ކިރިޔާ ނުވެއްޓި ސަލާމަތްވި ހާދިސާއަށެވެ.
މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ބާރު ސްޕީޑުގައި ދައުރުވެފައިވެއެވެ. އެ ކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި ކުއްޖާ ކުޑަދޮރު ކައިރިއަށް ދިޔަ ވަގުތު އޭނާގެ މަންމައަށް އޮތީ ނިދިފައި ކަމަށް ވީޑިއޯގެ ތަފްސީލުގައި ހާމަ ކޮށްފައިވެއެވެ.
ވީޑިއޯ ދައުރުވުމާއެކު އެ ވީޑިއޯއަށް ކޮމެންޓު ކުރި މީހުންވެސް އިންތިހާއަށް ގިނައެވެ. ބައެއް މީހުންނަށް އެ ހާދިސާގެ ބިރުވެރިކަމާއި ހާސްކަން އިހުސާސް ކުރެވުނުއިރު، އަނެއްބަޔަކު ކުޑަކުއްޖާ ނުވެއްޓި ސަލާމަތްވީތީ މާތް ﷲ ޙަޟްރަތަށް ޝުކުރުކުރި އެވެ. މިއީ ވަރަށް ވެސް ރަނގަޅު އަދި ރީތި އާދައެކެވެ.
ނަމަވެސް ގިނައީ މި ހާދިސާއާ ގުޅިގެން އަމިއްލައަށް ގޮތް ނިންމާ، އެ ކުއްޖާގެ މައިންބަފައިންނާ ދިމާލަށް އެމީހަކު ހިތައްއެރި އެއްޗެއް ގޮވާލި މީހުންކަން ހިތާމައާއެކު ފާހަގަވިއެވެ. އެކަކު ލިޔެފައިވަނީ އެ ކުއްޖާގެ މަންމަ އަތުން ކުއްޖާ އަތުލާފައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔުމަށެވެ. އަނެއްބަޔަކު، އެ ހާދިސާ ދިމާވާން މެދުވެރިވީ ކުއްޖާގެ ބައްޕަގެ ”ކަންނެތް“ ކަމުން، ކުޑަ ދޮރުން ބޭރުގައި ދަގަނޑު ނުޖަހާ ހުރުމުން ކަމަށް ވެސް ބުނެފައިވެއެވެ. ބައެއް މީހުންވަނީ ޖެންޑާ މިނިސްޓްރީއާއި އެޗްއާރްސީއެމް އިން މައްސަލަ ބަލައި، ކުއްޖާގެ މައިންބަފައިން ހައްޔަރު ކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައެވެ. ކުރުކޮށް ބުނާނަމަ، ގިނަ މީހުން މި ހާދިސާ ސިފަކޮށްފައިވަނީ އެ ކުއްޖާގެ މައިންބަފައިންގެ ފަރުވާ ކުޑަކަމުން މެދުވެރިވީ ހާދިސާއެއް ކަމަށެވެ. އަދި މިކަމަކީ އެ ކުއްޖާގެ މައިންބަފައިން މުޅި އުމުރަށްވެސް އެކަމާ ދެރަވާނެ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ހާދިސާއަކާ ދިމާވުމުން ގިނަ ބައެއްގެ ނަޒަރު މިކަމަށް ހުއްޓޭނެކަމާއި މި ވާހަކަތައް ދައްކާނެކަން ވެސް އެނގެއެވެ. އަދި އެންމެން ވާހަކަ ދައްކާނީ އެއްގޮތަކަށް ނޫންކަން ވެސް އެނގެއެވެ. ނަމަވެސް ސުވާލަކީ، މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ކުއްޖާގެ މައިންބަފައިންނާ ދިމާލަށް މިފަދަ ބަސްތައް ބުނުމަކީ މިކަމުގައި ހަމަ އެންމެ ރަނގަޅުގޮތްތޯ އެވެ؟ ތިމާގެ ދެލޮލުގެ ނޫރުފަދަ ދަރިން މަރުގެ ތުންފަތް މައްޗަށް ވެއްޓެން އުޅުނުކަމުގެ އިހުސާސަކީ ހަމަޔަގީނުންވެސް މައިންބަފައިންގެ ހިތްތަކުން ފިލައިގެން ދާނެ އިހުސާސެއް ނޫނެވެ. އެ ބިރުވެރިކަމާއި ހާސްކަމުގެ އަސަރު، މައިންބަފައިންނަށްވުރެ ބޮޑަށް ކުރާނެ ބަޔަކުވެސް ނުހުންނާނެއެވެ.
އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެންމެން އެންމެންނަށް އެ ވީޑިއޯ ހިއްސާކޮށް، އެ ކުއްޖާގެ މައިންބަފައިންނަށް ވެސް އިތުރު ނަފްސާނީ ގެއްލުންތަކެއް ދިނުމަކީ މިކަމުގެ ހައްލެއް ކަމުގައި ނުދެކެވެ.
މިފަދަ ހާދިސާތައް ދިމާވުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިން ނަސޭޙަތަކީ ރަނގަޅު ނަސޭހަތެކެވެ. ގޯސްވީ، ކުއްޖާގެ މައިންބަފައިންގެ ހާލަތު ނޭނގި ތިބެ، ދިމާވި ހާދިސާއެއްގެ ސަބަބުން އަމިއްލައަށް ގޮތް ނިންމާލައި އެމީހުންނާ ދިމާލަށް ހިތައްއެރި އެއްޗެއް ގޮވާލައި އެމީހުންނަށް ނަފްސާނީ ގޮތުން އިތުރު އަނިޔާތަކެއް ދިނުމެވެ.
ކުއްޖާގެ މައިންބަފައިންނަށާއި އާއިލާއަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރު ކޮށްފައި ހުރިކަމަށާއި އެހެންކަމުން އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށް ފުލުހުން ވެސް ވަނީ ރޭގައި އިސްތިމާސް ކުރައްވާފައެވެ. އަދި މީސްމީޑިއާއަށް އެ ވީޑިއޯ ލީ ފަރާތްތަކުން ވީޑިއޯ ނެގުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ.




