މަޝްހޫރު ފިލްމީތަރި ނިއުމާ މުޙައްމަދު އާއި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްއާ ދެމެދު މީސްމީޑިއާގައި ހޫނުގަދަ ކުރިމަތިލުމެއް ހިނގައިފިއެވެ.
މިކަން ފެށިފައިވަނީ ނިއުމާ ”ހާލުގައި ޖެހިގެން“ މާލެ ދޫކޮށްފައި އެހެން ރަށަކަށް ގޮސްފިކަމަށް ބުނެ ފެތުރިފައިވާ ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ބުނެފައިވާ ގޮތުގައި ނިއުމާ ހާލުގައި ޖެހުނު ދުވަހު އޭނާއަށް އެހީތެރިވާނެ ގާތް އެކުވެރިއަކު ނެތް ކަމަށް ބުނެ، އޭނާ ވަނީ މީސްމީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އަދި އޭނާއަށް އެހީތެރިވި ހަމައެކަނި ބަޔަކީ އޭނާގެ ކޮއްކޮގެ ދެމަފިރިންނާއި މަދު ބައެއް ކަމަށާއި އެންމެ ނިކަމެތިވީ ދުވަހު އެހީވާނެ އެކަކުވެސް ނެތުމުން މުޅި ދިރިއުޅުން ބިނާކުރި މާލެ ދޫކޮށް، ހުރި ހަމައެކަނި ދަރިފުޅާއެކީ ދާންޖެހުނީ ކަމަށް ނިއުމާ ބުނެފައިވާ ކަމަށް ވެސް އެ ޚަބަރުގައި ވެއެވެ.
ނިއުމާ ވަނީ އެ ޚަބަރު ހިއްސާކޮށް އޭނާ ”ހާލުގައި ޖެހިގެން މާލެ ދޫކޮށްފައި ދިޔައީ ހުޅުމާލެއަށް“ ކަމަށް މީސްމީޑިއާގައި ބުނެ، އެއީ ދޮގު ޚަބަރެއް ކަމަށް ދޭހަވާ ގޮތަށް ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް މިއަދު އިތުރު ޚަބަރެއްގައި ބުނެފައިވަނީ ނިއުމާ މިހާރު ވަނީ ފ. ނިލަންދޫއަށް ދިރިއުޅުން ބަދަލު ކޮށްފައި ކަމަށެވެ.
ދިވެހި ފިލްމީ ދާއިރާގައި 30 އަހަރު މަސައްކަތް ކޮށްފައިވާ ނިއުމާ ހާލުގައި ޖެހުނު ދުވަހު އެހީވާނެ މީހެއް ނެތްކަމަށް ބުނެ ފެތުރިފައިވާ ޚަބަރަށް އަލީ ރަމީޒު ވަނީ އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ބަސްތަކެއް ބުނެފައެވެ.
އެގޮތުން އަލީ ރަމީޒު ބުނެފައިވަނީ ”މުޑުދާރު“ ފިލްމުތައް ކުޅުމާއި މިޔުޒިކް ކުޅުންފަދަ، މާތް ﷲ ހަރާމް ކޮށްފައިވާ މަސައްކަތަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ ވާހަކަ އޭނާ ތަކުރާރުކޮށް ބުނާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުން މީހުންގެ އިހުތިރާމާއި ލޯބި ލިބޭ ކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިޠާނާ ވައްދާ ވަސްވާސްތަކެއް ކަމަށް ވެސް އަލީ ރަމީޒު ބުނެފައިވެއެވެ.
”ހާލުގައި ޖެހޭ ދުވަހު އެއްކަލަ ’ލޯބިވީ‘ އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް. އެއީ ކީއްވެ؟ އެއީ އެމީހުން އެވީ ހަޤީޤީ ލޯބި ކަމުގައި ނުވާތީ. މާތް ﷲ އަށް ތައުބާވެ ތިޔަ މުޑުދާރު މަސައްކަތުން ދުރުވެ، އިތްފަތްތެރި މުސްލިމެއްގެ ގޮތުގައި ހަޔާތުގެ ދެން ބާކީ އޮތް ބައި ހޭދަ ކުރުމަށް ތިޔަ އުޚްތާއަށް އަޅުގަނޑު ހެޔޮ ހިތުން ނަސޭޙަތްތެރިވަން. ފަލާޙާއި ކާމިޔާބު ހާސިލުވާނީ ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަން ވެގެން“ އަލީ ރަމީޒު ބުނެފައިވެއެވެ.
އަލީ ރަމީޒުގެ އެ ނަސޭޙަތައް ނިއުމާ ދިނީ ހޫނު ރައްދެކެވެ. އެގޮތުން އޭނާގެ މީސްމީޑިއާގައި ބުނެފައިވަނީ އަލީ ރަމީޒުމެން ކަހަލަ ”ދީބަ“ ޢިލްމުވެރިންނަށް ވާނުވާ އެނގިގެން އެއްޗެހި ކިޔާނަމައެވެ. އަދި ކިތަންމެ ރަނގަޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެކަން އެންމެ ރަނގަޅަށް އެނގޭނެ މީހުންނަކީ ވެސް ޢިލްމުވެރިން ކަމުގައި ނިއުމާ ބުނެފައިވެއެވެ.
”މަމީ އޮރިޔާން ފިލްމު ކުޅެގެން މަޝްހޫރުވީ މީހެއް ނޫން. މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ވެސް ނޫން. އެތައް ބަޔަކު ތިބެގެން، އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނައަށް ލިބުނު ލާރިގަނޑަށް ކީއްބާ ކުރީ؟ ސޯޝަލް މީޑިއާއިން ފެންނަ ޚަބަރަށް ބޭސްކޮށް މީހުންނަށް އެއްޗެހި ކިޔުމަކީ އެންމެ ރަނގަޅު ދީނީ ގޮތް“ ނިއުމާ އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ނިއުމާ ބުނީ މިޤައުމުގައި ”އޮރިޔާމުން“ އުޅޭ ވިޔާނުދާ ކަންތައްކުރާ މީހުންނާ އިދިކޮޅަށް ދުވަހަކުވެސް އަލީ ރަމީޒު ބަހެއް ނުބުނާ ކަމަށާއި އަލީ ރަމީޒަކަސް އޭނާއާ ނުބެހުމަށެވެ.



