އަންހެނަކާ މަގުމަތިން ދިމާކޮށް، ގަދަކަމުން އެ އަންހެންމީހާގެ ފޯނު އަތުލަން އުޅެ އޭނާގެ ހެލްމެޓު ވެސް އެއްލާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ”ފާތިމަތު ޝާނީ“ ޖަހާފައި އިން ފޭސްބުކް އެކައުންޓަކުން މީގެ އެއް ދުވަސް ކުރިން ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ ލ. ގަމުން ފޮނަދޫއަށް ދާންވެގެން ސައިކަލުގައި ދަނިކޮށް ދެ ފިރިހެނަކު އޭނާގެ ފަހަތުން އެހެން ސައިކަލަކުން ދިޔަ ކަމަށެވެ. އަދި ވަކި ހިސާބަކަށް ދިޔުމަށްފަހު ހެލްމެޓު ބޭލި ކަމަށާއި ވާތް ފަރާތަށް ބަލާލި ވަގުތުވެސް އެ ދެމީހުން ތިބި ކަމަށް ޝާނީ ބުނެފައިވެއެވެ. އަދި އޭގެން އެކަކު ގޮސް ”ވަރަށް ރީތި މަންޖެއެކޭ“ ބުނެ ޝާނީގެ ފޮޓޯއެއް ވެސް ނެގި ކަމަށް އޭނާ ބުނެފައިވެއެވެ.
އެހެންކަމުން ޝާނީ ވެސް އޭނާގެ ފޯނު ނަގައިގެން އެމީހުންގެ ވީޑިއޯ ކުރަން ފެށި ކަމަށާއި ވީޑިއޯ ކުރަން ފެށުމުން އޭގެން އެކަކު ސައިކަލުން ފައިބައިގެން ގޮސް ޝާނީގެ އަތުގައި އޮތް ފޯނު އަތުލަން މަސައްކަތް ކުރި ކަމަށް އޭނާ ބުނެފައިވެއެވެ. އެކަން ނާކާމިޔާބުވުމުން ޝާނީގެ ހެލްމެޓު އެއްލާލާފައި އެތަނުން ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.
ޝާނީ ބުނިގޮތުގައި މިކަން ހިނގާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. އަދި ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުން އެމީހުންގެ ސައިކަލުގެ ނަން ބޯޑު ޝާނީ ހަލާކު ކޮށްލީ ކަމަށް އެމީހުން ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ޝާނީ ބުނެފައިވެއެވެ. ނަމަވެސް ޝާނީ ހިއްސާ ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެމީހުން ދުއްވަން އިން ސައިކަލުގެ ނަން ބޯޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޝާނީ ހިއްސާ ކުރި ޕޯސްޓުގައި ވަނީ އެ ދެ ފިރިހެނުންގެ ނަންތައް ވެސް ހާމަކޮށްފައެވެ. އެގޮތުން ޝާނީއަށް ހަމަލާދިނީ ހުސެއިން ފައިސަލް (ކޮއްތު) ކަމަށާއި އޭނާއާއެކު ހުރީ އަހްމަދު އާތިފް (މެއްސި) ކަމަށް ޝާނީ ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހު އިރުއޮއްސި 6:34 ހާއިރު ލ. ގަމުން ފޮނަދޫއަށް ސައިކަލެއްގައި ދިޔަ ދިވެހި އަންހެނަކާ ދިވެހި ދެ ފިރިހެނުން ދިމާކޮށް، ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް އަދި ހެލްމެޓު ނަގައި ވަލުތެރެއަށް އެއްލާލާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.



