އުމްރާއަށް ގެންދާނެކަމަށް ބުނެ 27 މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި، ޚިޔާނާތްތެރިވީ މައްސަލައެއްގައި އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު އުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑް އިން 27 މީހެއްގެ އަތުން 500000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ނަގައި، މަކަރާއި ޚީލަތް ހަދައި ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދައުވާކުރުމަށް 19 ޖަނަވަރީ 2025 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރަނީ މަސްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި ޢަލީ ފާރިޝް ގެ މައްޗަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.




