މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ މައްސަލައެއްގައި ފުވައްމުލަކުން ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައިފާސްކޮށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުވައްމުލައް ރޯޒީ/ މަރިޔަމް ފަޒީލާ ހުސެއިން (40އ.) އެވެ.
ފަޒީލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި މައްސަލައާ ގުޅިގެން މިއަދު ހެނދުނު 10:45 ހާއިރެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން ފުލުހުން ވިދާޅުވީ ފަޒީލާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާއި އޭނާއާއި ގުޅުމެއް ނެތްކަން ޔަގީން ކުރެވިފައިވާތީ، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.




