ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގް ޔުނިޓު އަޅައިދޭނެ ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށާއި ރަށްތަކުގައި ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތަކުގެ ތަފުސީލީ މައުލޫމާތު މި މަޝްރޫއުގެ ދަށުން ކުރެވޭ އިއުލާންތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާ އެކު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.




